އަހަރެމެންނަކީ ވައްހާބީންނެއް ނޫން (1929) – ސަޢޫދީ ރަސްގެފާނު ޢަބްދުލްޢަޒީޒް އާލް ސުޢޫދު رحمه الله

536 views

1 min read

އެބައިމީހުން ބުނަނީ އަހަރެމެންނަކީ ވައްހާބީން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އަހަރެމެންނަކީ އަހަރެމެންގެ ދީން ރައްކާތެރިކޮށް، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވާ ސަލަފީންނެވެ.

[…]


ސަޢޫދީ ޢަރަބިއްޔާގެ ތިންވަނަ ދައުލަތުގެ ބާނީ، ސަޢޫދީ ރަސްގެފާނު ޢަބްދުލްޢަޒީޒް އާލް ސުޢޫދު (رحمه الله) އަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށާއި، ދީނުގެ އަޞްލު ޢަޤީދާ ނެގެހެއްޓެވުމަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. މިގޮތުން 1347ހ. (1929މ.) ވަނަ އަހަރުގެ ޙައްޖު މޫސުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަމާވި ޙައްޖާޖީންނާ މުޚާޠަބުކުރައްވައި އެމަނިކުފާނު ދެއްވި ތަޤުރީރަކީ ތާރީޚީ ގޮތުން ނުހަނު މުހިންމު، އަދި ސަޢޫދީ ދައުލަތުގެ ދީނީ ފަލްސަފާ ސާފުކޮށްދެއްވި ބަޔާނެކެވެ.

މި ތަޤުރީރުގައި ރަސްގެފާނު ޢަބްދުލްޢަޒީޒް އެންމެ ބޮޑަށް ބާރުއެޅުއްވީ، އެ ދުވަސްވަރު ސަޢޫދީ ދައުލަތާއި އެ ދައުލަތުގެ ދީނީ ދަޢުވަތާ މެދު ފެތުރެމުންދިޔަ ކުށްހީތައް ސާފުކޮށްދެއްވުމަށެވެ. އެމަނިކުފާނު ވިދާޅުވިއެވެ. [“އެބައިމީހުން އަހަރެމެންނަށް ‘ވައްހާބީން’ އޭ ކިޔައި، އަދި އަހަރެމެންގެ މަޒުހަބަކީ ވަކި ޚާއްޞަ މަޒުހަބެއް ކަމަށް ބަލައި އެއަށް ‘ވައްހާބީ މަޒުހަބު’ގެ ނަމުން ނަންދެއެވެ. މިއީ ވަކި މަޤްޞަދުތަކެއް ހާސިލުކުރަން އުޅޭ ބަޔަކު ފަތުރާފައިވާ ދޮގު ޕްރޮޕެގަންޑާތަކުގެ ސަބަބުން އުފެދިފައިވާ ވަރަށް ބޮޑު ކުށްހީއެކެވެ. އަހަރެމެންނަކީ އާ މަޒުހަބެއް ނުވަތަ އާ ޢަޤީދާއެއްގެ ވެރިބައެއް ނޫނެވެ.”]

ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ބަޔާންކުރެއްވީ، އެ ޝައިޚަކީ އެއްވެސް އާ ކަމެއް ދީނުގެ ތެރެއަށް ގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވިއެވެ. [“އަދި މުޙައްމަދު ބިން ޢަބްދުލްވައްހާބު އެއްވެސް އާ ކަމެއް ގެންނަވާފައެއް ނުވެއެވެ. އަހަރެމެންގެ ޢަޤީދާއަކީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތާއި އަދި ސަލަފުއްޞާލިޙުން (އިސްވެދިޔަ ޞާލިޙު ބޭކަލުން) ތިއްބެވި ގޮތެވެ.”]

މީގެ އިތުރުން، އިސްލާމީ ފިޤުހީ މަޒުހަބުތަކާ މެދު ސަޢޫދީ ދައުލަތުން ގެންގުޅޭ މަތިވެރި ސިޔާސަތުވެސް މި ޚިތާބުގައި ހާމަކުރެއްވިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. [“އަހަރެމެން ހަތަރު އިމާމުންނަށް އިޙްތިރާމްކުރަމެވެ. އިމާމް މާލިކާއި، އައްޝާފިޢީއާއި، އަޙްމަދާއި، އަބޫ ޙަނީފާއާ ދެމެދު އަހަރެމެންގެ ގާތުގައި އެއްވެސް ތަފާތެއް ނެތެވެ. އެ އެންމެ ބޭކަލުންނަކީވެސް އަހަރެމެންގެ ނަޒަރުގައި ގަދަރުވެރި ބޭކަލުންނެވެ.”]

މި ޢަޤީދާގެ ސާފުކަން ހާމަކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. [“މިއީ ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު އެކަމަކަށް ގޮވާލެއްވި ޢަޤީދާއެވެ. އަދި މިއީ އަހަރެމެންގެވެސް ޢަޤީދާއެވެ. މިއީ ﷲ عَزَّ وَجَلَّ އެއްކައުވަންތަކުރުމުގެ މައްޗަށް ބިނާވެފައިވާ، ހުރިހާ ކުނިބުންޏަކުން ސާފުވެގެންވާ، އަދި ހުރިހާ ބިދުޢައަކުން ދުރުހެލިވެގެންވާ ޢަޤީދާއެކެވެ.”]

ޚުލާޞާ ގޮތެއްގައި ދަންނަވާނަމަ، ރަސްގެފާނު ޢަބްދުލްޢަޒީޒްގެ މި ތާރީޚީ ޚިތާބުން ސާފުވެގެންދަނީ، އެމަނިކުފާނުގެ ދައުލަތަކީ ވަކި ޖަމާޢަތަކަށް ނިސްބަތްވާ ‘ވައްހާބީ’ ދައުލަތެއް ނޫން ކަމެވެ. އެމަނިކުފާނު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވިއެވެ. [“އެބައިމީހުން ބުނަނީ އަހަރެމެންނަކީ ވައްހާބީން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އަހަރެމެންނަކީ އަހަރެމެންގެ ދީން ރައްކާތެރިކޮށް، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވާ ސަލަފީންނެވެ.”]